އެކްސްގައި ކާކުކަން ނޭނގޭ ގޮތަށް ސަރުކާރަށާއި އެކި ފަރާތްތަކަށް ފާޑުކިޔައި އެކި ތުހުމަތުތައް ކުރަމުންދާ "ހަސަން ކުރުސީ"ގެ އެކައުންޓު ހިންގަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ކަމަށް ދެކެވޭ ވާހަކަތައް އެމަނިކުފާނު ދޮގުކުރައްވައިފި އެވެ.

ކުރީގެ ރައީސް ނަޝީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރުސީ އެކައުންޓަކީ އޭނާ އޮޕަރޭޓް، އަދި ކޮންޓްރޯލް ކުރައްވަމުން ގެންދަވާ އެކައުންޓެއް ނޫން ކަމަށެވެ. އަދި ކުރުސީގެ އެކައުންޓަކީ އެމަނިކުފާނުގެ ދަރިކަނބަލުން މީރާ ހިންގާ އެކައުންޓެއްކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި އެމަނިކުފާނަކީ އެންޓި-އިންޑިއާ ކެމްޕޭންތަކާ ދެކޮޅު މީހެއް ކަމަށް ވެސް ވިދާޅުވި އެވެ.

އިންޑިއާގެ ޖަޒީރާ އަތޮޅެއްގެ ގޮތުގައި އޮންނަ ލަކްޝަދީޕް އަށް މޯދީ ކުރެއްވި ޒިޔާރަތުގެ ވީޑިއޯއަކާއެކު އިންޑިއާ މީހަކު ޖެނުއަރީ 4، ގައި އެކްސްގައި ކުރި ޕޯސްޓަކަށް، ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކޮށްފައިވާ ރިޕްލައިތަކަކާ ގުޅިގެން ރާއްޖެއާ ދެކޮޅަށް އިންޑިއާގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާއި ބޮލީވުޑްތަރިން ހިމެނޭ ގޮތަށް ވަނީ ކެމްޕޭނެއް ފަށާފަ އެވެ.

މި ކެމްޕޭނާ ގުޅިގެން ކުރުސީގެ އެކްގައި އެކައުންޓުން ރާއްޖެ ދިފާއުކޮށް އިންޑިއާއަށް ފާޑުކިއުންތައް އަމާޒުކުރުމާއި ގުޅިގެން، ކުރިން ދިވެހި ސަރުކާރުން ވެސް ކާކުކަން ކަށަވަރުކުރުމަށް މަސައްކަތް ކުރި ކުރުސީ ހިންގަނީ ކާކުކަން ބަލާނެކަމަށް އިންޑިއާގެ ބައެއް އެކްޓިވިސްޓުން ބުނެފައިވެ އެވެ.

އިންޑިއާގެ އިންވެސްޓިގޭޓިވް ރިޕޯޓެއް ކަމަށްވާ ވިޖޭ ޕަޓޭލް ވަނީ އެ އެކައުންޓަކީ ޔޫކޭ ގައި ބޭނުން ކުރަމުންދާ އެކައުންޓެއް ކަމަށް ބުނެފަ އެވެ. އަދި އެއީ ރައީސް ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދުކަމަށް ތުހުމަތުކޮށް ވިޖޭ ޕަޓޭލް ވަނީ އޭނާއަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ އެންޖީއޯއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައި ބުނެފަ އެވެ. މީގެ އިތުރުން ވިޖޭ ޕަޓޭލް ވަނީ މީރާ އަކީ ހަސަން ކުރުސީކަމަށް ބުނެ އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ރާއްޖެއާ ދެކޮޅަށް އިންޑިއާގައި ކެމްޕޭނާއެކު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.