މިއަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ދަ ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން މަޖިލީހަށް ވާދަކުރުމަށް ޝައުގުވެރިވާ މެމްބަރުންނަށް އެފުރުސަތު ހުޅުވާލައިފި އެވެ.

ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލިމުށް އެދޭ މެމްބަރުންނަށް އެ ފުރުސަތު، މިއަދުން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ޑިމޮކްރެޓްސްއިން ބުނީ ވާދަ ކުރަން ހުށަހަޅާ މެންބަރުންނަކީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ އަށް ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ފުރިހަމަވާ މެމްބަރަކަށް ވާން ޖެހޭނެ ކަމަށެވެ.

ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށް އެ ޕާޓީން ބުނެ އެވެ.

ޕްރައިމަރީގައި ވޯޓު ލެވޭނީ ފެބްރުއަރީ ހަތަރު ވަނަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ޖެހިފައިވާ މެންބަރުންނަށް ކަމަށްވެސް އެޕާޓީން ބުނެ އެވެ.

ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ވަގުތީ ލިސްޓް އާއްމުކޮށް ފެބްރުއަރީ ހަ ވަނަ ދުވަހު ޝަކުވާއަށް ހުޅުވާލާނެ ކަމަށާއި ފެބްރުއަރީ 10 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ޝަކުވާ ހުށަހެޅޭނެ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.

ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ދާއިމީ ލިސްޓް އިއުލާނުކުރުމަށް ކަނޑައަޅާފައިވަނީ ފެބްރުއަރީ 11 ވަނަ ދުވަހެވެ.