ދިވެހިންނަށް ޝެންގެން ވިސާ ހޯދުމަށް ލުއި ގޮތްތަކެއް ހަމަޖެއްސުމާއި ގުޅޭ ގޮތުން ނެދަލެންޑްސްއާއެކު މަޝްވަރާކުރައްވައިފި އެވެ.

މިމަޝްވަރާތައް ކުރެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ނެދެލެންޑްސްގެ ބޮޑުވަޒީރުގެ ނައިބު، މިނިސްޓަރު އޮފް ސޯޝަލް އެފެއާޒް އެންޑް އެމްޕްލޯއިމަންޓް ކަރީން ވަން ޚަނިޕްއާ ބައްދަލުކުރައްވަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވަނީ ދެ ގައުމުގެ ދޭތެރޭ އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ދަތުރުކުރާ ދިވެހިންނަށް ޝެންގެން ވިސާ ހޯދުމަށް ލުއި ގޮތްތަކެއް ހަމަޖެއްސުމާއި ފަތުރުވެރިކަމާއި ވިޔަފާރިއާއި މަސްވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

މީގެ އިތުރުން މި ދެ ބޭފުޅުން ވަނީ ދެގައުމު ގުޅިގެން ޒުވާނުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި މަތީ ތަޢުލީމުގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި ނެދަލެންޑްސްގެ ބޮޑުވަޒީރުގެ ނައިބު ވަނީ އެ ގައުމުގެ އަމިއްލަ ވިޔަފާރިވެރިން ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާކަން ހާމަކުރައްވާފަ އެވެ.

ނައިބު ރާއީސް އާއި ނެދަލެންޑްސްގެ ބޮޑުވަޒީރުގެ ނައިބުގެ ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ އެކުގައި މަސައްކަތް ކުރުމަށާއި ދެ ޤައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމުގެ ފުރިހަމަ އަޒުމުގަ އެވެ.

ރާއްޖެއާއި ނެދަލެންޑްސްއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1979 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު އެވެ.