ޒުވާނުންގެ ބަޔަކު އިއްޔެ މާލޭގައި ބާއްވަން އުޅުނު ސައިކަލު ބުރުގެ ތެރެއިން ހައްޔަރުކުރި 41 މީހުން ޖޫރިމަނާކޮށް، އޭގެ ތެރެއިން އެކަކު ފިޔަވައި އެންމެން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ހުރިހާ"އަށް މިއަދު ވިދާޅުވީ ކޮންމެ މީހަކު 1،000ރ އިން ޖޫރިމަނާކުރީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ޚިލާފަށް ސައިކަލު ބުރު ބޭއްވުމަށް މަސައްކަތްކުރުމުން ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ހައްޔަރުކޮށްފައި ވަނީ ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއްވުމުން ހައްޔަކު ކުރި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ދޫކޮށްލިއިރު، ރަޖިސްޓްރީ ނަމްބަރު ދިމާނުވާތީ އެއް ސައިކަލް ޓޯކޮށްފައިވާ ކަމަށެވެ.

"އެހެން ހުރިހާ ސައިކަލެއް އެވަގުތު ރީލޮކޭޓްކޮށްފައި އެއް ސައިކަލް ޓޯކުރީ،" އެ އޮފިޝަލް ވިދާޅުވި އެވެ.

ޒުވާނުންގެ ބަޔަކު އިސްނަގައިގެން ބާއްވަން އުޅުނު ސައިކަލް ބުރުގެ ތެރެއިން ބަޔަކު ފުލުހުން ހައްޔަރުކުރަނީ.

އިއްޔެ ބާއްވަން އުޅުނު ސައިކަލު ބުރުގައި ބައިވެރިވި މީހުން ރަސްފަނުން ނައްޓާލައިގެން މަޖީދީމަގުން ދަނިކޮށް ފުލުހުން ހުއްޓުވީ މާޒިޔާ ޓްރޭޑާސްއާ ހިސާބުންނެވެ. މި ސައިކަލު ބުރު ހުއްޓުވުމަށް ފުލުހުން ވަނީ މާޒިޔާ ޓްރޭޑާސްއާ ހިސާބުގައި މަގު ހުރަސްކޮށް ބެރިކޭޑް ޖަހައިފަ އެވެ.

ފުލުހުން ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ހާލަތުގައި، އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްނުވުމަށާއި، އެންމެހާ ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށްނެރެ، ހުރިހާ އެންމެން ވެސް އެޗްޕީއޭއިން ނެރެފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ވެސް މާލޭގައި ސައިކަލް ބުރެއް ބާއްވާފައެވެ. އެސައިކަލް ބުރާއި ގުޅިގެން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ޖޫރިމަނާ ކުރިއެވެ.