އިންސާނީ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާއިންނާއި ހުރިހާ ފަރުދުންގެ ކަރާމާތަށްޓަކައި ވެސް އެންމެބޮޑަށް ބާރުއަޅާކަމަކީ ހަމަކަންކަމަށާ އަދި ބައިބައިވުމަށް ފުރުސަތެއް ނެތް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ ސްވިޒަލެންޑްގެ ޖެނީވާގައި "ހިއުމަން ރައިޓްސް 75"ގެ މަތީ ފަންތީގެ ހަރަކާތްތަކުގެ ޕެނަލް ޑިޝްކަޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

އިންސާނީ ހައްގުތައް ކުރިއަށް ނެރެ މިއަދާ އަދި ކުރިމަގުގެ މައްސަލަތައް ހައްލުކުރުމުގެ މައުޟޫޢުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ތަރައްގީގެ ކަންކަމުގައި ގެންގުޅުއްވާ ވިސްނުންފުޅަކީ ތަރައްގީއަށް ކުރާ ދަތުރުގައި އިންސާނީ ތަރައްގީއަށް އިސްކަންދިނުމުގެ ވިސްނުންފުޅު ކަމުގަ އެވެ.

ނައިބު ރައީސް ވާހަކަފުޅުގައި އިންސާނީ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާއަށް 75 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރާއިރު ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ އިންސާނީ ހައްގުތަކުން މަހްރޫމުވެ ކުރިމަތިލާންޖެހިފައިވާ ދަތި ހާލަތަށް އަލިއަޅުއްވާލައްވައި ޣައްޒާގައި ހިންގަމުންދާ ޢުދުވާންތައް މިހާރުން މިހާރަށް ހުއްޓާލުމަށް ރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ތަކުރާރު ކުރެއްވި އެވެ. މީގެ އިތުރުން ޣައްޒާގެ މިހާރުގެ ހާލަތާއި އަދި އެހެން ގައުމުތަކުގައި ހިނގަމުންދާ މިފަދަ ހަނގުރާމަތަކަކީ އިންސާނީ ހައްގުތައް ނެގެހެއްޓުމަށް މުޅި ބައިނަލްއަގްވާމީ މުޖުތަމަޢުގެ އެއްބާރުލުމަށް ބޭނުންޖެހިފައިވާ މިންވަރު ދައްކުވައިދޭ މިސާލުތައްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި މައިގަނޑު ފަސް ނުކުތާއެއް ފާހަގަކުރެއްވި އެވެ. އެގޮތުން ފުރަތަމަ ކަމަކަށް އިންސާނީ ހައްގަކީ އިތުރު ބަހުސެއް ނުކޮށް ލިބެންޖެހޭ ހައްގެއްކަމާއި އަދި އެއީ ފަރުދެއްގެ ކަރާމާތް ރައްކާތެރިކުރުމަށް އެންމެ ކުޑަ މިންވަރުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ދެވަނަ ކަމަކަށް އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މަސައްކަތްކުރިއަށް ގެންދަންވާނީ ސަރުކާރާއި ވިޔަފާރިތަކާއި މަދަނީ ޖަމުއިއްޔާ ޖަމާއަތްތަކާއި ބައިނަލްއަގްވާމީ މުއައްސަސާތަކާއި ވަކިވަކި ފަރާތްތައް ހިމެނޭހެން ވަށާޖެހޭ ގޮތެއްގައިކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ. ތިން ވަނަ ކަމަކަށް އިންސާނީ ހައްގުތަކާއި ގުޅޭ ޢިލްމުތައް ހުރިހާ ފަންތިއެއްގައި ފެތުރުމެވެ. އަދި ހަތަރު ވަނަ ކަމެއްގެ ގޮތުގައި، ތަރައްގީއާ ސުލްހަމަސަލަސްކަމާއި ސަލާމަތްކަން ކުރިއަރުވައި މުޖުތަމައުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި މަލްޓިލެޓަރަލިޒަމާއި ވަކި ހަމަތަކެއްގެ މައްޗަށް ބިނާވެގެން ބައިނަލްއަގުވާމީގޮތުން ކަންކުރަމުން އަންނަ އުސޫލުތައް ބަލައިގަނެ ކުރިޔަށްދިއުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ފަހުކަމެއްގެ ގޮތުގައި، ކުރިމަގަށް ކުރެވޭ އުންމީދުތައް އާކުރުމުގެ ގޮތުން އަދި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އިތުރުކުރުމާއެކު ކަންކަން ނިންމުމަށް މަގުފަހިކުރުމުގެ ގޮތުން އިންސާނީ ހައްގުތަކާއި މޫސުމަށް އަންނަ ބަދަކުތަކާ ގުޅޭ ވާހަކަތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރަންޖެހޭކަން ފާހަގަކުރެއްވި އެވެ.

"ހިއުމަން ރައިޓްސް 75"ގެ މަތީ ފަންތީގެ ހަރަކާތްތަކަކީ އދ ގެ އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ސްވިޒަރލެންޑްގެ ސަރުކާރާ ގުޅިގެން އިންސާނީ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާ، "ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބާ ފާހަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކެކެވެ.

ދިވެހިރާއްޖެއަކީ އދގެ ހިއުމަންރައިޓްސް ކައުންސިލުގެ މެންބަރު ގައުމެކެވެ. އަދި ކައުންސިލުގެ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ނައިބު ރައީސްގެ މަގާމު މިހާރު ފުރަމުން ދަނީ ވެސް ދިވެހިރާއްޖެއިންނެވެ.