ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު (ސެންބެ) ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާ ބެހޭ ގޮތުން ދައްކާ ހަގީގަތެއް ނެތް ވާހަކަތަކުން ދައްކައިދެނީ ހުސެއިން އެ މަގާމަށް ކުފޫ ހަމަނުވާކަން ކަމަށް ޑރ. ޖަމީލް މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ޕްރޮޕެގަންޑާ ޕްރޮމޯޓްކުރާ "މިހާރު" ނޫހަށް ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހުސެއިން ދެއްވި އިންޓަވިއުއެއްގައި ވަނީ ކުރީގެ ނައިބު ރައީސް ޑރ. ޖަމީލްއާ މެދު ފިތުނަ އުފައްދަން ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ދައްކައިފަ އެވެ.

ރައީސް އާއި ނައިބު ރައީސް ފެންވަރުގެ ބޭފުޅުން މީގެ އާއްމުކޮށް ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތަކަށް ރައްދުދެއްވައެއް ނޫޅުއްވަ އެވެ.

ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ކަމަށް ހެދިގެން އުޅުއްވި ފަރެސްމާތޮޑާ ހުސެއިން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ ގައުމުގެ ނައިބު ރައީސްގެ ފަރާތުން މި ފެނުނީ ޕްރޮފެޝަނަލް ކަމެއް ނެތް ނާތަހުޒީބީ އަމަލެއް ކަމަށެވެ. އަދި އޭނާގެ ފަރާތުން މި ފެނިގެން ދިޔަ އަމަލާމެދު ހިތާމަކުރައްވާ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

"އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ ކުރީގެ ރައީސް ޔާމީންގެ ދިފާއުގައި ކޯޓުގައި ކެނޑިނޭޅި ވާހަކަ ދައްކައި، އެހެން އެންމެން އިންތިހާބު ކާމިޔާބުވުމުން އެމަނިކުފާނު ދޫކޮށްލެއްވިއިރު އެމަނިކުފާނާ އެކު ހުންނެވުން ހެއްޔެވެ؟" އެމަނިކުފާނު ހުސެއިންއާ ސުވާލުކުރެއްވި އެވެ.

ޑރ. ޖަމީލް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް ގެނައުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއް ކަމަށެވެ. އެކަމަކު ކިތަންމެ ގިނަ ގޮންޖެހުންތަކާ ކުރިމަތިކުރިޔަސް ބޭއިންސާފަށް ބޯނުލަނބާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެކްސްގައި ކުރެއްްވި ޕޯސްޓާ ގުޅިގެން "ހުރިހާ" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ ނައިބު ރައީސްކަމުގައި ހުންނެވި ހުސެއިން ރައީސް ޔާމީނަށް ވަފާތެރި މިންވަރު މިހާރު މިއޮތީ ފެންނަން ކަމަށެވެ. އަދި ހުސެއިން އެ ވާހަކަދައްކަވަނީ މަގާމުގެ ދަހިވެތިކަން ހިތު ތެރޭގައި ބާއްވައިގެން ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.