ރަސްފަންނު ސަރަހައްދުން މިއަދު ހަވީރު ޒުވާނުން ފެށި ސައިކަލު ބުރު ފުލުހުން ހުއްޓުވައި، 41 މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.

އެ ސައިކަލު ބުރުގައި ބައިވެރިވި މީހުން ރަސްފަނުން ނައްޓާލައިގެން މަޖީދީމަގުން ދަނިކޮށް ފުލުހުން ހުއްޓުވީ މާޒިޔާ ޓްރޭޑާސްއާ ހިސާބުންނެވެ. މި ސައިކަލު ބުރު ހުއްޓުވުމަށް ފުލުހުން ވަނީ މާޒިޔާ ޓްރޭޑާސްއާ ހިސާބުގައި މަގު ހުރަސްކޮށް ބެރިކޭޑް ޖަހައިފަ އެވެ.

މި ސައިކަލު ބުރު ފެށިއިރު، އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ އިސް ބޭފުޅުންތަކެއް ބައިވެރިވި އެވެ.

މި ސައިކަލު ބުރު ފުލުހުން ހުއްޓުވުމަށްފަހު ބައެއް މީހުން ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން ގެންދިޔަ އެވެ. އަދި ފުލުހުން އެ ސައިކަލު ބުރު ހުއްޓުވުމުން ހިނގާލުމަކަށް ބަދަލުކޮށް، މަޖީދީމަގުން ކުރިޔަށް ދާން ފެށި އެވެ. ނަމަވެސް ޗާންދަނީމަގާ ހިސާބުން ފުލުހުން ވަނީ އެ މީހުން ވެސް ހުއްޓުވައިފަ އެވެ.

ފުލުހުން ވަނީ މި ސައިލަކު ބުރުގައި ބައިވެރިވި ބައެއް މީހުން ސައިކަލްތައް ޓޯކޮށްފަ އެވެ.

ފުލުހުން މިއަދު ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގެމާ ހިލާފަށް އެއްވުންތައް ބާއްވާ ފަރާތްތަކާއި އެއްވުންތަކުގައި ބައިވެރިވާ މީހުންނާ މެދުގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ފުލުހުން ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ހާލަތުގައި، އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްނުވުމަށާއި، އެންމެހާ ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށްނެރެ، ހުރިހާ އެންމެން ވެސް އެޗްޕީއޭއިން ނެރެފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"އެޗްޕީއޭގެ އެންގުމާ ހިލާފަށް އެއްވުންތައް ބާއްވާ ފަރާތްތަކާއި އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ" ފުލުހުންގެ މެސެޖުގައިވެ އެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ވެސް މާލޭގައި ސައިކަލް ބުރެއް ބާއްވާފައެވެ. އެސައިކަލް ބުރާއި ގުޅިގެން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ޖޫރިމަނާ ކުރިއެވެ.