ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގެމާ ހިލާފަށް އެއްވުންތައް ބާއްވާ ފަރާތްތަކާއި އެއްވުންތަކުގައި ބައިވެރިވާ މީހުންނާ މެދުގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން މިއަދު ދީފި އެވެ.

ފުލުހުން އެގޮތަށް ބުނީ، އިދިކޮޅު ފަރާތްތަކުން މިއަދު މާލޭގައި ސައިކަލް ބުރެއް ބާއްވަން ރާވަމުން ދަނިކޮށެވެ.

ފުލުހުން ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި، އާންމު ތަންތަނުގައި އެއްފަހަރާ ގިނަ މީހުން އެއްނުވުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައިވާ އެންގެވުމާ ހިލާފަށް އެއްވުން ބޭއްވުމަށް ރާވަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްނުވުމަށާއި، އެންމެހާ ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށްނެރެ، ހުރިހާ އެންމެން ވެސް އެޗްޕީއޭއިން ނެރެފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"އެޗްޕީއޭގެ އެންގުމާ ހިލާފަށް އެއްވުންތައް ބާއްވާ ފަރާތްތަކާއި އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ" ފުލުހުންގެ މެސެޖުގައިވެއެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ވެސް މާލޭގައި ސައިކަލް ބުރެއް ބާއްވާފައެވެ. އެސައިކަލް ބުރާއި ގުޅިގެން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ޖޫރިމަނާ ކުރިއެވެ.