ސަރުކާރުންގެ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަށްވެސް މެޑިކަލް ސެޓްފިކެޓް (އެމްސީ)އާ ނުލާ އަހަރަކު 15 ދުވަހުގެ ސަލާމް ލިބޭ ގޮތަށް "ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލު" އަށް ބަދަލު ގެނެސްފި އެވެ.

ކުރިން އެ އުސޫލު އޮތް ގޮތުން އަހަރަކު ސަލާމުގެ ޗުއްޓީގެ ގޮތުގައި އެމްސީއާ ނުލައި އަހަރަކު 30 ދުވަސް ސަލާމުގެ ގޮތުގައި ލިބެ އެވެ.

އެ އުސޫލަށް ގެނައި އިސްލާހުގައިވާ ގޮތުން ކޮންމެ އަހަރަަކަށްވެސް ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭ ގޮތަށް ދެވޭނީ 30 ދުވަހެވެ.

ސަލާމުގެ ޗުއްޓީ ހަމަޖައްސައިދެވޭނީ ބަލީގެ ބާވަތާއި އެ ބަލިގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތެރިއަކު ދޫކުރާ މެޑިކަލް ސެޓްފިކެޓް (އެމްސީ)އެއް، ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން ކަމަށް އެ އުސޫލުގައިވެ އެވެ.

ނަމަވެސް، ސަލާމުގެ ޗުއްޓީގެ ގޮތުގައި މުވައްޒަފަށް ލިބޭ 30 ދުވަހުގެ ތެރެއިން 15 ދުވަސް، ވިދިވިދިގެން ދެ ދުވަހަށްވުރެ ދިގު ނުވާނެ ގޮތުގެ މަތީން، އެމްސީއާ ނުލައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމުގެ އިޚްތިޔާރު، މުވައްޒަފަށް ލިބިގެންވާ ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.