ދެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް މެޖިސްޓްރޭޓުން އައްޔަންކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނީ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށާއި، ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް މެޖިސްޓްރޭޓުން އައްޔަންކޮށްފައިވާ ކަމަށެވެ.

ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް އައްޔަންކުރައްވާފައިވަނީ މ. ވޭވަށް، ކޯނަރު، ޔާސިރު މުހައްމަދެވެ. އަދި ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ޢައްޔަންކުރައްވާފައި ވަނީ ރ. މަޑުއްވަރީ، ރުވާގުގެ، އިބްރާހިމް ނައީމެވެ.

ޔާސިރު މުހައްމަދު ވަނީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރިޢާ އެންޑް ލޯ ހާސިލް ކުރައްވާފަ އެވެ. އަދި ތިން އަހަރު ދުވަހު ޝަރުޢީ ދާއިރާއަށް ހިދުމަތްކޮށްދެއްވާ، 2019 ފެބްރުއަރީ 11އިން ފެށިގެން ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމް އަދާކުރައްވާފައިވެ އެވެ.

އިބްރާހިމް ނައީމް ވަނީ ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީން ބެޗްލާ އޮފް ޝަރިއާ އެންޑް ލޯ ހާސިލްކުރައްވާ، ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރިއާ އެންޑް ލޯ ހާސިލް ކުރައްވާފަ އެވެ. އަދި 5 އަހަރު ދުވަހުގެ މުއްދަތަކަށް ޝަރުއީ ދާއިރާއަށް ހިދުމަތްކޮށްދެއްވާ 2021 އޮގަސްޓް އިން ފެށިގެން ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމް ވަނީ އަދާކުރައްވާފަ އެވެ.

އަލަށް އައްޔަނުކުރުމަށް ނިންމާފައިވާ މެޖިސްޓްރޭޓުން ހުވާ ކުރުމަށް ހަމަޖެހިފައި ވަނީ 4 ޑިސެމްބަރު 2022 ވާ އާދިއްތަ ދުވަހު ކަމަށް ޖޭއެސްއީން ބުނެ އެވެ.