މާލެއަށް ކުރި ވިއްސާރައިގައި ކްރިމިނަލް ކޯޓުގެ ސާވާރޫމަށް ގެއްލުންތަކެއްވެ، މިއަދުގެ ހެނދުނު އޮންލައިންކޮށް ބޭއްވުމަށް ނިންމާފައިވާ ޝަރީއަތްތައް ކެންސަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބުނީ ވިއްސާރައިގެ ސަބަބުން ކޯޓުގެ އިމާރާތުގެ ތެރެއަށް ފެން ވަދެ، ކޯޓުގެ ސާވާ ރޫމަށް ފެނުގެ އަސަރުކުރުމާއި ގުޅިގެން ސާވާ ރޫމުގެ ކަރަންޓް ކޭބަލްތަކާއި ނެޓްވޯކް ކޭބަލްތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. މި ގެއްލުންތަކާ ގުޅިގެން މިއަދުގެ ހެނދުނަށް ތާވަލުކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ އަޑުއެހުމެއް ވަނީ ކެންސަލް ކޮށްފައި ކަމަށް އެކޯޓުން ބުނެ އެވެ.

ނަމަވެސް ކޯޓަށް ހާޒިރުވެގެން ހިންގުމަށް ތާވަލުކުރެވިފައިވާ އަޑުއެހުންތައް ކުރިޔަށްދާނެ ކަމުގައި އެކޯޓުން ވަނީ ބުނެފަ އެވެ. މީގެ ކުރިން ވެސް ވިއްސާރައިގެ ސަބަބުން ކްރިމިނަލް ކޯޓުގެ، ކޯޓު ރޫމްތަކަށާއި ތަކެއްޗަށް ގެއްލުންވެގެން އަޑުއެހުންތައް ކެންސަލް ކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ އިމާރާތް ގިނަ ދުވަސްވެ, ބާވުމުގެ ސަބަބުން އެތަން ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ކަމާބެހޭ އިދާރާތަކުން ލަފާ ދީފައި އޮތަސް, އެހެން ތަނެއް ނުލިބޭތީ އެތަން އަދިވެސް ދަނީ ބޭނުން ކުރަމުންނެވެ.