ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާއި، އިތުރު ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް، ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުންނާއެކު މަޝްވަރާ ކުރައްވައިފި އެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ސަރުކާރާއި ސިވިލް ސާވިސް ކޮމިޝަނާ ދެމެދު ވިލަރެސްކުރާ ކޮމިޓީގެ 2020 ވަނަ އަހަރުގެ ތިންވަނަ ބައްދަލުކުރެއްވުމުގަ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި އެންމެ އިސްކަމެއްގެ ގޮތުން މަޝްވަރާކުރައްވާފައި ވަނީ، ސަރުކާރުން ހުށަހަޅުއްވާފައިވާ ގޮތަށް، ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ސިއްހީގޮތުން ޒަރޫރީ ހާލަތެއް މެދުވެރިވުމާއި، ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ ހާލަތްތަކާއި، މުވައްޒަފެއްގެ ޢާއިލާގެ މެންބަރަކަށް ކުރިމަތިވާ ސިއްހީ ހާލަތެއްގައި އެ މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތުތަކާ އެއްކިބާވާން ޖެހޭ ހާލަތްތަކުގައި، އެ ފަދަ މުވައްޒަފުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން މުސާރައާއި އިނާޔަތްތައް ލިބޭނެ ގޮތަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި ލިބޭ ދުވަހުގެ އަދަދު އިތުރުކޮށްދިނުމަށް ސިވިލް ސާވިސްގެ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތަކާ ގުޅޭގޮތުންނެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މީގެ އިތުރުން، ސިވިލް ސަރވިސް މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރާ ތެލެސީމިއާ ފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމާއި، މުޖުތަމައުގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ މީހުން ބާކީވިޔަ ނުދީ، އެ ފަރާތްތަކަށް ވެސް ވަޒީފާގެ އިތުރު ފުރުޞަތުތައް ތަނަވަސްކޮށްދިނުމާ ގުޅޭ ގޮތުން މި ބައްދަލުކުރެއްވުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި އެވެ. އަދި، މި ބަދަލުތައް ގެނައުމުގައި ކުރިމަތިވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން ވެސް ބައްދަލުކުރެއްވުމުގެ ބައިވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

"ދިވެހި ސިވިލް ސާވިސްއަށް މިފަދަ ހެޔޮ ބަދަލުތަކެއް ގެނައުމާއި، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކުރިމަތިވާ އެކިއެކި ދަތިތައް ހައްލުކޮށްދިނުމާއި، އެ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް އިންތިޒާމުކޮށްދިނުމަކީ ސަރުކާރުގެ އިސް އަމާޒެކެވެ." ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސިވިލް ސާވިސް ކޮމިޝަނާއި، ސިވިލް ސާވިސްގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާ، އެ ކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި، ސިވިލް ސާވިސްގެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމުގައި ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާ، އެ މަނިކުފާނު ވަނީ، ސިވިލް ސަރވިސްއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ކުރިއަށް އޮތް ތަނުގައި ވެސް ދެމި ތިބުމަށް އެ ކޮމިޝަނުގެ މެންބަރުންނާއި ސިވިލް ސާވިސްގެ މުވައްޒަފުންގެ ކިބައިން އެދިވަޑައިގަންނަވާފަ އެވެ.

މީގެ އިތުރުން، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމުގައި ސިވިލް ސާވިސް ކޮމިޝަނާއި ސިވިލް ސާވިސްގެ މުވައްޒަފުން އަދާކުރާ ދައުރު އިތުރަށް ފުޅާކުރުމާއި، ސިވިލް ސާވިސްގެ މުވައްޒަފުންނަށް މެދުކެނޑުމެއްނެތި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދީ، ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، އެ ގޮތުން ހިންގާ ތަމްރީނުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމުންދާކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން، ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބެލުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތައް ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ވަނީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް މިހާރު ވެސް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ނައިބު ރައީސާ ހިއްސާ ކުރައްވާފަ އެވެ. މީގެ އިތުރުން، ސިވިލް ސާވިސްއަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދޭ ތަނަށް ހެދުމާއި، ޚިދުމަތުގެ ފެންވަރު މަތިކޮށް، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ވެސް އެ ބޭފުޅުން ނައިބާ ހިއްސާ ކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަ އޮފް އެޑިއުކޭޝަން ޑޮކްޓަ އައިޝަތު އަލީއާއި، މިނިސްޓަ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަހުމަދު ސަމީރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ ބައިވެރިވެ ވަޑައިގެންނެވި އެވެ.