ސިވިލް ކޯޓަށް ފަނޑިޔާރު ހޯދުމަށް އިއުލާނު ކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެހަށް ފޮނުވުމުން ފޯމު ބަލައިގަންނާނެ ކަމަށެވެ.

ސިވިލް ކޯޓުގެ ގާޒީ އަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާއާއި، ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 1,650 ރުފިޔާއާ އެކު ޖުމްލަ 46،650 ރުފިޔާ ލިބެ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ލިބޭނެ އެވެ.

ސިވިލް ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފައި މިވަނީ އެ ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ އަލީ ފަނޑިޔާރުކަމުން ރިޓަޔާކުރުމާއި ގުޅިގެންނެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް މިމަހުގެ 15 ވަނަ ދުވަހު ވެސް ޖޭއެސްސީން ވަނީ އިއުލާންކޮށްފަ އެވެ. އޭރު ފަނޑިޔާރަކު ހޯދުމަށް އިއުލާން ކުރީ ފަނޑިޔާރު ޒުބައިރު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މި އިއުލާންގެ މުއްދަތު ހަމަވާނީ މިމަހުގެ 29 ވަނަ ވަނަ ދުވަހުގެ ނިޔަލަށެވެ.