ދުނިޔޭގައި މަންކީ ޕޮކްސް ބަލި ފެންނަމުންދާ ހާލަތަށް ބަލާއިރު ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ދުނިޔޭގައި މިހާރު ވަރަށް ބޮޑަށް ފެތުރެމުންދާ މަންކީޕޮކްސް އައުޓްބްރޭކަކީ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފަ އެވެ. އެކަމާ ގުޅިގެން އެޗްޕީއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ދުނިޔޭގައި މަންކީޕޮކްސް ބަލި ފެންނަމުންދާ ހާލަތަށް ބަލާއިރު ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް ކޮވިޑް-19 ފަދަ ބައްޔަކާ އަޅާ ބަލާއިރު މިފަދަ ބައްޔެއް ފެތުރުމުގެ ފުރުސަތު ބޮޑީ ވަރަށް ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މަންކީޕޮކްސް ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް ސިއްހީ ހިދުމަތްތެރިއަކަށް ދެއްކުމަށާއި ބަލި ކަށަވަރު ކުރެވެންދެން ވަގުތުން އެހެން މީހުންނާއި ގައިގޯޅިވުމުން ދުރުވެ އެކަހެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މި ބައްޔަކީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައި ފެތުރޭ ބައްޔެކެވެ.
މި ބަލިން ރައްކާތެރިވުމަށް ގިނަ ގިނައިން އަތްދޮވުމާއި މާސްކު އަޅައިގެން އުޅުމާއި ގިނަ މީހުން އެއްވާ ތަންތަނަށް ނުދިއުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
މަންކީ ޕޮކްސް އެކަކު ގައިން އަނެކަކު ގަޔަށް ފެތުރޭ ގޮތް
- ނޭވާލާ ނިޒާމުގެ ތެރެއިން: ގިނަ ވަގުތު ގާތުން ކޮންޓެކްޓްވުން
 - ބަލި ޖެހިފައިވާ މީހާގެ ހަމުގައި ހުންނަ ބިހިތަކުގައި ނުވަތަ އެއިން ނިކުންނަ ދިޔައިގައި ޖެހުން
 - ބަލި މީހާގެ ހެދުމާއި ތުވާލި އަދި ބެޑްޝީޓް ފަދަ ތަކެތީގައި ޖެހުންމާބަނޑު ދުވަސްވަރު ބަލި ޖެހިއްޖެ ނަމަ ބަނޑުގައިވާ ދަރިފުޅަށް ބަލި ޖެހުމުގެ ފުރުސަތު އޮތުން
 
މި ބައްޔަށް ސިއްހީ ހިދުމަތްތެރީން އަހުލުވެރި ކުރުމާއި ޓެސްޓް ކުރެވޭނެ ގޮތް ގާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭ އިން ބުނީ ބަލި ޖެހޭ މީހުންނަށް ފަރުވާ ކުރުމާބެހޭ ގައިޑްލައިންތައް ކަނޑައެޅުން ފަދަ މަސައްކަތްތަކާއެކު ވެކްސިނާއި ބޭސް ލިބޭނެ ގޮތްވެސް ބަލަމުންދާ ކަމަށެވެ.
މަންކީ ޕޮކްސްގެ އަލާމަތްތައް
- ހުން އައުން
 - ގައިގައި ރިއްސުން
 - ގޮށްލުން
 - ހަމުގައި ބިހި ނެގުން (ގިނައިން ފެންނަނީ ކުރިމަތި ފަރާތާއި ފުރަގަސް ފަރާތް އަދި އަނގައިގެ ވަށައިގެން ބިހި ނެގުން)
 - ބިހިތައް ފުރަތަމަ ނަގާއިރު ހުންނާނީ ފަތިކޮށް، އެއަށް ފަހު ފެންފޮޅަށްވެ ފޮޅު ފަޅައިގެން ގޮސް ކުރަލުން
 
މުޅި ދުނިޔެއިން 72 ގައުމަކުން މިހާތަނަށް މި ބަލި ވަނީ ފެނިފަ އެވެ.
			އައިބީގެ އިތުބާރު ނެތް ކަމުގެ ޕެޓިޝަނެއްގައި ސޮއިކުރަނީ
		
			ކޮޅުވެއްޓި ހާދިސާގައި ސީރިއަސްވި ދިވެހި ޒުވާނާ ވެސް މަރުވެއްޖެ
		
			މުނިފޫހި ފިލުވުމާ ބެހޭ ދެތިން ކަމެއް!
		
								
								