މާލެ ސިޓީ ކައުންސިލުން ވެފައިވާ ވައުދު ފުއްދުމަށް އާ ހައްލުތަކެއް ހޯދަން ޖެހިފައިވާ ކަމަށާއި މާލެއަކީ ދިރިއުޅެން ހިތްގައިމު ސިޓީއަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު ޑރ. މުއިއްޒު މިހެން ވިދާޅުވީ ޕޯޗުގަލްގެ މަޓޮސިންހޯސްގައި ކުރިއަށްދާ އދ.ގެ ކަނޑާބެހޭ ޖަލްސާގެ ލޯކަލް އަދި ރީޖަނަލް ގަވަންމަންޓާބެހޭ ހާއްސަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުނެވެ.

މިރަސްމިއްޔާތުގައި އިތުރަށް މޭޔަރު މުއިއްޒު ވިދާޅުވީ މާލެ ސިޓީއަކީ ހިތްގައިމު ތަނަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ. ބަޖެޓުގެ ދަތިކަމާއި، ތަފާތު ފިއްތުންތަކާއެކުވެސް ރައްޔިތުން ކަންބޮޑުވާ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރައްވާ މަސައްކަތުގައި ސާބިތުވެ ހުންނާނެ ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

"މިދިޔަ އަހަރު މާލޭގެ މޭޔަރުގެ މަގާމާ ހަވާލުވިއިރު، އަޅުގަނޑާއި އަޅުގަނޑުގެ ޓީމުން ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލީ، މުހިންމު އިސްކަމެއް ދިނުމަކީ މާލެ ސަހަރައްދު ސާފުތާހިރު ތަނެއް ގޮތުގައި ބޭއްވުމަށް،" މޭޔަރު ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށްދާކަން ފާހަގަކުރައްވާ މޭޔަރު ވަނީ ސިޓީ ކައުންސިލުން އަލަށް ތައާރަފުކުރަން ރޭވިފައިވާ އީ-ބައިކް ޕްރޮޖެކްޓާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ.

މާލޭގެ މޭޔަރު ވިދާޅުވީ ދުވަހުން ދުވަހަށް އިތުރުވަމުންދާ ކުނި ރަނގަޅަށް ވަކިކުރުމާއި، ރައްކާތެރިކަމާއެކު ނައްތާލުމާއި، ފައިދާހުރި ގޮތެއްގައި ރީސައިކަލް ކުރުމަކީ މިހާރު ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

ދިވެހިރާއްޖެއަކީ ޖައްވުހޫނުވުމުގެ މައްސަލައިގައި، އެންމެ ކުރީސަފުގައި ހިމެނޭ ގައުމެއް ކަމަށާއި ރާއްޖެއަކީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައި އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ މުޖްތަމައުގެ ސަމާލުކަމަށް ގެނައުމަށް ވެސް އެންމެ ހަރުއަޑުން ވަކާލާތުކުރަމުން އަންނަ އެއް ގައުމުގެ ގޮތުގައި، ގިނަ ބައެއްގެ އިހްތިރާމް ހޯދާފައިވާ ގައުމަކީ ރާއްޖެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ

މިއަދު ފެށުނު ބައްދަލުވުމުގައި ޕޯޗުގަލް ސަރުކާރުގެ އެންމެ އިސް ގިނަ ވެރިންނާއި، އދ. ގެ ކަމާބެހޭ އިސްފަރާތްތަކުގެ އިތުރުން، އެހީދޭ ޖަމްޢިއްޔާތަކުންވެސް ގިނަ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި، ގިނަ ގައުމުތަކެއްގެ މޭޔަރުންން ވެސް ޖަލްސާގެ ބައިވެރިންގެ ތެރޭގައި ހިމެނެ އެވެ.